01މާރޗް 1961 ވަނަ ދުވަހު، ދިވެހި ސަރުކާރުން ހުވަދުއަތޮޅު ދެ ސަރަޙައްދަކަށް ބައިކުރެއްވިއެވެ. އެއީ ހުވަދުއަތޮޅު އުތުރުބުރި (ގއ) އަދި ހުވަދުއަތޮޅު ދެކުނުބުރި (ގދ) އެވެ. މި ބައިކުރެއްވުމާ ގުޅިގެން، ހުވަދުއަތޮޅު އުތުރުބުރީގެ އަތޮޅުވެރިކަން ކުރާ ރަށެއްގެ ގޮތުގައި ގއ.ވިލިނގިލި ކަނޑައެޅުއްވިއެވެ. ގއ. ވިލިނގިއްޔަކީ ޤުދުރަތީ ވަސީލަތްތަކުން ފުދުންތެރި، ފާހަގަކޮށްލެވޭ ޠަބީޢީ ރީތިކަމެއް ލިބިފައިވާ ރަށެކެވެ. މީގެ އިތުރުން، މި ރަށަކީ ފަޚުރުވެރި ތާރީޚަކާއި، ފުރިހަމަ ޘަޤާފަތެއް ލިބިފައިވާ ރަށެކެވެ. އަދި ހަމައެހެންމެ، ޒަމާނީ ތަރައްޤީގެ ނަމޫނާ ފެންނަން ހުރި ރަށެއްގެ ގޮތުގައިވެސް ގއ. ވިލިނގިލި ފާހަގަކުރެވެއެވެ. މި ހުރިހާ ޚާއްޞަ ސިފަތަކެއް އެއްތަނެއްގައި އެއްވެފައިވާ ރަށެއްގެ ގޮތުގައި ގއ. ވިލިނގިލި ބެލެވެއެވެ. ގއ. ވިލިނގިލީގެ ބޮޑުމިނަކީ 93 ހެކްޓަރެވެ. ރަށުގައި މީހުން ދިރިއުޅޭ ގޭގެ އަދަދަކީ 520 އެވެ. މީހުން ދިރިނޫޅޭ ގޭގެ އަދަދަކީ 54 އެވެ. އަދި ފަޅުގޯތީގެ އަދަދަކީ 380 އެވެ.
30 ޖޫން 2025 ވަނަ ދުވަހުގެ ނިޔަލަށް، ގއ. ވިލިނގިލީގައި ރަޖިސްޓްރީވެފައިވާ އާބާދީގެ ތެރޭގައި އަންހެނުންގެ އަދަދަކީ 1928 އަދި ފިރިހެނުންގެ އަދަދަކީ 2077 އެވެ. މި އަދަދުތަކުގެ ޖުމްލައަކީ 4005 އެވެ. މީގެ އިތުރުން، ރަށުގައި ރަޖިސްޓަރީ ނުވެ ދިރިއުޅޭ މީހުންނާއި، ރަށުގައި މަސައްކަތްކުރާ ބިދޭސީން ހިމަނައިފިނަމަ، ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 5,000 އަށްވުރެ އިތުރުވެއެވެ. ގއ. ވިލިނގިލީގެ ރައްޔިތުންގެ އާމްދަނީގެ މައިގަނޑު މަސްދަރުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ދައުލަތުގެ ވަޒީފާތަކާއި، ޢިމާރާތްކުރުމުގެ ދާއިރާއާއި، އަދި މަސްވެރިކަން ހިމެނެއެވެ. މީގެ އިތުރުން، ތެދުވި ވަޑާންކުރުމާއި، ދަނޑުވެރިކަމާއި، އެކި ބާވަތުގެ ވިޔަފާރިތަކުން ވެސް އާމްދަނީ ހޯދައެވެ. މިހާރު ރަށުގެ އިޤްތިޞާދުގެ މައިގަނޑު ތަނބަކީ މަސްވެރިކަމެވެ. ރަށުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ 17 އުޅަނދު ރަޖިސްޓަރީ ކުރެވިފައިވެއެވެ.
ދީނީ ޚިދުމަތްތަކަށް ބަލާއިރު، ނަމާދުކުރުމަށް ޚާއްޞަކުރެވިފައިވާ 4 މިސްކިތް ރަށުގައި ޤާއިމުކުރެވިފައިވެއެވެ. މަދަނީ މުޖުތަމަޢުގެ ދައުރު ފާހަގަކޮށްލެވޭ ގޮތެއްގައި ފުޅާވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން، ރަޖިސްޓަރީކޮށްގެން ހިންގާ 12 ޖަމްޢިއްޔާ ރަށުގައި ހަރަކާތްތެރިވެއެވެ. ތަޢުލީމީ ދާއިރާއަށް ބަލާއިރު، ގްރޭޑް 12 އަށް ކިޔަވައިދޭ ސަރުކާރުގެ 1 ސްކޫލާއި، އަމިއްލަ ފަރާތަކުން ހިންގާ 1 ޕްރީސްކޫލް ރަށުގައި ޤާއިމުކުރެވިފައިވެއެވެ. މި ތަޢުލީމީ މަރުކަޒުތަކުން ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރެއެވެ.